MPS2

ސިއްރުފެންފުށި ރިސޯޓުގައި ބަހައްޓާފައިވާ ކޮރަލެރިއަމް ނެގުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް ސިވިލްކޯޓުން ކޮށްފައިވާ އަމުރާއި ގުޅިގެން ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގގައި މަޢުލޫމާތު ދެއްވަމުން، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޖީ. ބީ. އެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ށ. ގާކޮށިބީގައި ހިންގަމުންދާ ފެއަރމޮންޓް ސިއްރުފެންފުށި ރިސޯޓުގައި ހަދައި، ބަހައްޓާފައިވާ ކޮރަލެރިއަމް ގައިވާ އެންމެހައި ބުދުތައް، މިއަދު (20 ސެޕްޓެމްބަރ 2018)ގެ 13:30ން ފެށިގެން 5 ގަޑިއިރުގެ ތެރޭގައި ފެއަރމޮންޓް ސިއްރުފެންފުށި ރިސޯޓުން ނެގުމަށް، ދަޢުވާލިބޭ ޖީ. ބީ. އެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މިއަމުރު ކުރެވުނު ވަގުތުގެ ތެރޭގައި ދަޢުވާލިބޭ، ޖީ. ބީ. އެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެތަކެތި ނަގާފައިނުވާނަމަ، ވަގުތު ހަމަވާ ވަގުތުން ފެށިގެން އެތަކެތި ނަގަންފަށައި، 7 ދުވަހުގެ ތެރޭގައި އެތަކެތި ނަގައި ނިންމުމަށާއި، ދަޢުލަތުން ކަނޑައަޅާ ގޮތެއްގެމަތީން އެތަކެތި ނައްތައިލުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައްޗަށް ސިވިލްކޯޓުން އަންގައި އަމުރުކޮށްފައިވާކަމަށާއި އެހެންކަމުން މިއަމުރާއި ގުޅިގެން ފުލުހުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުންދާނެ ކަމުގައި ވިދާޅުވިއެވެ.