viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބ.ދަރަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު  ހައްޔަރުކޮށްފިއެވެ.

ބ. ދަރަވަންދޫން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިނެކެވެ. ދަރަވަންދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން، ސެޕްޓެމްބަރ 13ވަނަ ދުވަހުގެރޭ 22:25 ހާއިރު ހިންގި އޮޕަރޭޝަންގައި، ދަރަވަންދޫ ބަނދަރު ސަރަހައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 16 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި މައްސަލަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.