viber image

  މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި  ދެމީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ ފ. ބިލެތްދޫގައި މަސްތުވާތަކެތި ގެންގުޅެ، މަސްތުވާތަކެތީގެ ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް އާއްމު ފަރާތަކުން ދިން މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ސެޕްޓެމްބަރ 11ވަނަ ދުވަހުގެރޭ 23:38 ހާއިރު، ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 29 ރަބަރު ޕެކެޓު މިދެމީހުންގެ އަތުން ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.