ގަނާކުރުމަށް ނޫނެކޭ ބުނާށެވެ!

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ޙަސަން
bullyingReport

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކުދިންނަށް ލިބިފައިވާ ހުނަރުތަކާއި ކުރެވޭ ނުކުރެވޭ ކަންކަންވެސް ތަފާތެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން އެއްބައެއްގެ ގޮތުގައި ދިރިއުޅެވޭނީ މިތަފާތުތަކަށް އިޙްތިރާމްކޮށްގެންނެވެ. ކުދިންގެ މެދުގައި ހުންނަ ތަފާތުތަކަށް އިޙްތިރާމްކުރުމާއެކު އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރުމަށްޓަކައި ގަނާކުރުމާއި ދެކޮޅު ހަދައި އެކަމަށް ނޫނެކޭ ބުނަންޖެހެއެވެ. މަލާމާތްކުރުމާއި ފުރައްސާރަކުރުމުން ފެށިގެން ގޮސް ގަޔަށް އަތްލައި މާރާމާރީ ހިންގުން ފަދަ ނުރަނގަޅު އާދަތައް ކިޔަވާކުދިންގެ މެދުގައި އަށަގަންނަމުންދާއިރު މިކަންކަމަކީ އެއިގެ ސަބަބުން ނަފްސާނީ އެތައް މައްސަލަތަކެއް ކުރިމަތިވެ އެކުދިންގެ މުޅި ދިރިއުޅުމަށް އެއިގެ ބަނަކަން ފޯރާނޭ ކަންކަމެވެ. އެހެންކަމުން ހުރިހާ އެންމެން އެކީގައި މިކަމަށް ނޫނެކޭ ބުނަން ދަސްކުރަންޖެހެއެވެ.

ގަނާކުރުން ހުއްޓުވާނީ ކިހިނެތް؟

ގަނާކުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމެވެ. ސްކޫލް މާހައުލުގައިވެސް ނުވަތަ އެހެންތަނެއްގައިވިޔަސް އެއްކުއްޖަކު އަނެއް ކުއްޖަކަށް ގަނާކުރާތަން ފެނިއްޖެނަމަ ކޮންމެ ކުއްޖަކުވެސް ފާޅުގައި އެކަމާއި ދެކޮޅު ހަދަންވާނެއެވެ. ކުދިން ދެރަކުރުމާއި ހިތުގައިޖެހޭކަހަލަ ބަސްތައް ބުނާ ކުދިން އެކުރަނީ މޮޅުކަމެއް ނޫންކަމާއި އެއީ “ކޫލް” ކަމެއް ނޫންކަންވެސް ބުނެދޭންވާނެއެވެ. އެކަމާއި ދެކޮޅަށް ބަސްނުބުނެފިނަމަ އެއީ އެފަދަ ޢަމަލު ހިންގާ ކުދިންނަށް ހިތްވަރު ދިނުންކަމުގައި ނޫނީ ނުވާނެއެވެ. ކްލާސްރޫމެއްގައި ތިބޭ ހުރިހާ ކުދިންނަކީވެސް ހަމަހަމަ ކުދިން ކަމުގައިވާއިރު، އެއްވެސް ކުއްޖަކަށް ބިރުދައްކައިގެން ކަންކަން ކުރަން އުޅޭނަމަ އެއީ ގޯހެކެވެ. އެކަހަލަ ކުދިން ދެކެ ބިރުގަނެގެންވެސް ނުވާނެއެވެ. އެކަހަލަ ކަމެއް ދިމާވެއްޖެނަމަ އިތުބާރުހިފޭ ބޮޑު މީހަކާއި ލަސްނުކޮށް އެކަން ހިއްސާކުރަންވާނެއެވެ.

ބެލެނިވެރިންގެ ދައުރު

ގަނާކުރުން ހުއްޓުވުމަށް ބެެލެނިވެރިންގެ ދައުރު ވަރަށް މުހިންމެވެ. އެގޮތުން ބެލެނިވެރިންނަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ކުދިންނާއި ގާތްގުޅުމެއް ބޭއްވުމާއެކު ކުދިންގެ އިތުބާރު ހޯދުމެވެ. އެގޮތުން ސްކޫލް ނިމިގެން ކުއްޖާ ގެއަށް އައުމުން އެދުވަހު ސްކޫލްގެ ކަންކަން ދިޔަ ގޮތާއި ގުޅޭ ގޮތުން ސުވާލުކޮށް އޮޅުން ފިލުވަންވާނެއެވެ.

ކުދިންނަށް ދިމާވާ މައްސަލަތައް އެކި ކުދިން ކިޔައިދޭނީ އެކި މިންވަރަށްކަންވެސް ޤަބޫލުކުރަންވާނެއެވެ.  އެހެންކަމުން ކުއްޖާގެ ފަރާތުން ލިބޭ މަޢުލޫމާތުތަކުގެ އިތުރުން އެކުއްޖާގެ މިޒާޖަށް އަންނަ ބަދަލުތަކަށްވެސް ސަމާލުވާންޖެހެއެވެ. ސްކޫލަށް ދާހިތްނުވުމާއި، ނުކެވުމާއި، ވަރުބަލިވެފައި ހުންނަ ގޮތްވުމާއި ނުނިދުން ނުވަތަ ކުރިއާއި ޚިލާފަށް މިޒާޖަށް ތަފާތު ބޮޑު ބަދަލެއް އައުން ފަދަ ކަންކަމަކީ ގަނާގެ ޝިކާރައަކަށްވާ ކުދިންގެ ފަރާތުން އާންމު ގޮތެއްގައި ފެނިދާނެ ބައެއް އަލާމާތްތަކެވެ.

ގަނާގެ ޝިކާރައަކަށްވެފައިވާ ކަމަށް ޝައްކުކުރެވޭނަމަ ޢަމަލުކުރާނީ ކިހިނެތް؟

އެންމެ މުހިއްމުކަމަކީ އެފަދަ ކަމެއް ނުވަތަ އެ އަމަލެއް ހިނގީ ކުއްޖާގެ ކުށުން ނޫން ކަން ކުއްޖާއަށް ބުނެދިނުމެވެ. މިހެން ކަންތައް ކުރުމުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ. އަދި ކުއްޖާގެ އަމިއްލަ ނަފްސަށް ބާރުފޯރުވަން އޭނާއަށް ދަސްކޮށްދީ، އެހެންމީހަކު ކުރި ކަމެއްގެ ސަބަބުން އަމިއްލަ ދިރިއުޅުން ހަލާކުވިޔަ ނުދިނުމަށް ހިތްވަރުދޭންވާނެއެވެ. އަދި ކުދިންނާއި އެކަހެރިނުވެ ކުދިންގެ ތެރޭގައި އުޅުމަށް ބާރު އަޅަންވާނެއެވެ. އެކަމުގެ ސަބަބުން އެފަދަ ކަންކަންކުރާ ކުދިންނަށް ލިބޭ ފުރުޞަތު ކުޑަވެގެންދާނެއެވެ.

ކުއްޖާ ގަނާގެ ޝިކާރައަކަށް ވަނީ ސްކޫލުގެ މާހައުލުން ނަމަ، ވީހާވެސް އަވަހަކަށް ކްލާސް ޓީޗަރ އަދި ސްކޫލުގެ މެނޭޖްމެންޓްގެ ސަމާލުކަމަށް އެކަން ގެންނާންވާނެއެވެ. އަދި ސްކޫލުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމުގައިވާނަމަ ނުވަތަ މައްސަލަ ހައްލުނުވެ ދިގުލައިގެންދާނަމަ، ޕޮލިސް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ނޫނީ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ އެހީތެރިކަން ހޯދަންވާނެއެވެ.

ގަނާކުރާ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނާއި ދަރިވަރުން އެއްކޮށް އެއްތަނަކުން ބައްދަލުވެ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭތޯ ބެލުމަކީވެސް ކުރެވިދާނެކަމެކެވެ. ސަބަބަކީ މިފަދަ ކަންކަންކުރާ ކުދިންނަށް ގިނަ ފަހަރަށް އެކުރެވެނީ ކިހާ ނުރައްކާތެރިކަމެއްކަން ވިސްނިފައެއް ނޯވެއެވެ. އެހެންކަމުން އެކަން ވިސްނައިދީ އިޙްސާންތެރިކަމާއި އެކުވެރިކަމާއި އަޅާލުމުގެ މުހިންމުކަން އިސްކުރެވިއްޖެނަމަވެސް މިފަދަ މައްސަލަތައް ހައްލުކުރެވޭނެއެވެ.

 ގަނާގެ ޝިކާރައަކަށްވާ ކުއްޖެއްގެ ފަރާތުން ފެންނަ އަލާމާތްތައް ދިގުދެމިގެންދާނަމަ ނަފްސާނީ އެހީތެރިކަން ހޯދުން ވަރަށްވެސް މުހިންމެވެ. ކަންކަމާމެދު ކުދިން ދެކޭ ގޮތާއި އެކުދިންނަށް ވިސްނިފައި ހުންނަ ގޮތް އޮޅުން ފިލުވައި އެކުދިންގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު އުފައްދަންވާނެއެވެ. އަދި ކުދިންގެ އަމިއްލަ ނަފުސަށް އިތުބާރުކުރުމަށް ދަސްކޮށްދިނުމާއެކު އެކުދިންގެ ހުރި މޮޅެތި ހުނަރުތައް ފާހަގަކޮށް އެކުދިންނަކީ ބޭނުންތެރި މުހިންމު ކުދިން ކަމުގެ އިޙްސާސްކޮށްދިނުމަކީ ބެލެނިވެރިންނަށް ކުރެވޭނެ އެންމެ މުހިންމު އެއްކަންތަކެވެ.

ގަނާކުރުމުގެ މައްސަލަތަކަކީ އާންމު ގޮތެއްގައި ސްކޫލް މާހައުލުގައި ހިނގާ ކަންކަން ކަމުގައި ވީނަމަވެސް ބައެއް ފަހަރަށް އެފަދަ މައްސަލަތައް ބޮޑުވެ ޖިނާޢީ ކުށްތަކަށް އަރައިގަންނަ ހިސާބަށް ގޮސްފައި ހުރެއެވެ. އެހެންކަމުން މިފަދަ ކަންކަން ހުއްޓުވުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެންވެސް ބޭނުންތެރި މުހިންމު ކަމެކެވެ.