މަސްތުވާތަކެއްޗާއެކު މީހަކު ގދ.ތިނަދޫން ހައްޔަރުކޮށްފި

ޕޮލިސް ސްޓާފް ސަރޖަންޓް މަރިޔަމް އަޒްލިފާ
Thinadhoo Drug

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ގދ.ތިނަދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނެކެވެ. މީމީހާ ހައްޔަރުކޮށްފައިވަނީ  ގދ. ތިނަދޫން ގއ. ކޮނޑޭއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ތިނަދޫ ބަނދަރު ސަރަޙައްދުންނެވެ. އަދި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.