ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ މަސްތުވާތަކެތި -- ފައިލް ފޮޓޯ
ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ މަސްތުވާތަކެތި -- ފައިލް ފޮޓޯ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ ެއިތުރުން 19 އަހަރުގެ ފިރިހެނެކެވެ.

37 އަހަރުގެ މީހާއާއި 38 އަހަރުގެ މީހާ އަދި 39 އަހަރު މީހާ ހައްޔަރުކޮށްފައިވަނީ މާމެންދޫއަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮގަސްޓް 21 ވަނަ ދުވަހު މާމެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި ތިން މީހުން މާމެންދޫ ބަނދަރު ސަރަހައްދުން ހައްޔަރުކޮށް ހަށިގަނޑު ބަލައިފާސްކުރިއިރު ޕާޓީ ޑްރަގްސް ކަމަށްބެލެވޭ ގުޅަތަކެއް ފެނިފައިވެއެވެ. އަދި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ.ގަން މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން  މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި އޮޕަރޭޝަނުގެ އިތުރުން އޮގަސްޓް 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ލ. ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ހޯދާފައިވަނީ ލ. ގަމަށް އައި ބޯޓެއް ބަލައިފާސްކުރިއިރު އެބޯޓުތެރެއިން ފެނުނު ގަސް ޕޮޓެއްގެ ތެރޭގައި ވަޅުލާފައިވަނިކޮށެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި ދެމައްސަލަވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.