އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ސްޕްޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނަކީ މުހިންމު މަސައްކަތްތަކެއްކުރައްވާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސައްކަތްތަކުގައި އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާނެކަމަށާއި ގޮންޖެހުންތައް ކުރިމަތީވިނަމަވެސް ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ފުލުހުންގެ ގޮތުގައި، ހިނުތުންވުމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަށާއި ފުލުހުންނާ ޤާނޫނީ ގޮތުން ހަވާލުކޮށްފައިވާ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ހުއްޓުމެއް އަޔަނުދީ ޚިދުމަތް ދިނުމުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންނެވެ.

ހަމައެއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އަމާން އޮމާންކަމާއެކު ކުރިއަށް ގެންގޮސް، އިންތިޚާބުގެ އެންމެހާ ކަންކަން އަމާން އޮމާންކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުންވެސް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދުގެ އިތުރުން ސްޕްޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ވެރިންނާއި އެޑިޕާޓްމަންޓްގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.