FMC1ޕޮލިސް އެކަޑަމީން މުޅިން އަލަށް ފަރުމާކޮށްގެން ހިންގި ފަސްޓް ލައިން މެނޭޖްމަންޓް ކޯހުގެ ފުރަތަމަ ބުރު ނިންމައި ދަސްވެނިވި ބައިވެރިންނަށް ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދަސްވެނިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ.

މިރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ނިމިގެންދިޔަ މި ކޯހަކީ ތާރީޚީ ކޯހެއްކަމަށާއި  ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މަރުހަބާ ދެންނެވިއެވެ. އަދި މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި ދިވެހި މުޖުތަމަޢަށް އަންނަ ބަދަލުތަކާ މެދު ވިސްނައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެކަންކަމަށް ރަނގަޅަށް ވިސްނުމަށް އެދިވަޑައިގެންނެވިއެވެ.

FMC2

އަދިހަމަ އެހެންމެ ފަސްޓް ލައިން މެނޭޖްމަންޓަކީ ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވާ އަދި ރައްޔިތުންނާ ސީދާ ގުޅުންހުރި ޚިދުމަތްތައް ދެމުންދާ ދާއިރާއަކަށްވާތީ، ކޮންމެ މުވައްޒަފަކުވެސް ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ހިނިތުންވުމާއެކު އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ފަސްޓް ލައިން މެނޭޖްމަންޓް ކޯހަކީ ފުލުހުންގެ ތެރެއިން ކޯޕްރަލްގެ މަޤާމުން ސާޖަންޓްގެ މަޤާމަށް ގިންތި ބަދަލުވުމަށް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ކޯހަކީ މިއަހަރު މުޅިން އަލަށް ފަރުމާކޮށްގެން ޕޮލިސް އެކަޑަމީން ހިންގި ކޯހެކެވެ.

FMC3

މިއަހަރުގެ ޖުލައި މަހުގެ 1ން އޮގަސްޓް 12ށް ހިންގި މި ކޯހުގައި 28 ފުލުހަކު ބައިވެރިވެފައިވާއިރު ކޯހުން ފާސްވެ ސެޓްފިކްޓް ހާޞިލްކޮށްފައިވަނީ 27 ފުލުހެކެވެ. މި ކޯހުން ހުރިހާގޮތަކަށް އެންމެ ރަނގަޅު ބައިވެރިޔަކަށް ހޮވުނީ ޕޮލިސް ކޯޕްރަލް އާގިލާ ހާމިދުއެވެ. 6 ހަފްތާގެ މުއްދަތަށް ހިންގި މި ކޯހުގައި 9 މޮޑިއުލެއް ކިޔަވައިދީފައިވެއެވެ.

ފަސްޓް ލައިން މެނޭޖްމަންޓް ކޯހުގެ ފުރަތަމަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޕޮލިސް އެކަޑަމީގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި  ކޮމިޝަންޑް ބައެއް އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.