viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަނުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިއޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 30 އަހަރުގެ މީހެކެވެ. މީގެތެރެއިން 18 އަހަރުންދަށުގެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެކުއްޖާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ފަތިހު 05:55 ހާއިރުއެވެ. މިކުއްޖާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

30 އަހަރުގެމީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް 12 ވަނަ ދުވަހުރޭ 01:25 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ކުޑަ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ރަބަރުޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް މުއްދަތު ދީފައެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުއްޖާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 30އަހަރުގެ މީހާއަށްވެސްވަނީ  15ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ދެމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.