Environment2

މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގައި އެހީތެރިވުމަށްޓަކައި އެންވަޔަރަމަންޓް ޕޮލިސްގެ ޚިދުމަތް ތަޢާރަފްކޮށް ރަސްމީކޮށް ފަށައިފިއެވެ.

މިޚިދުމަތް ރަސްމީކޮށް ފަށާފައިމިވަނީ މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމްއާއި މިނިސްޓްރީގެ ނައިބު ޢަލީ ޢާމިރުއާއި އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒުއާއި ފުލުހުންގެ ސީނިއަރ އޮފިސަރުންގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.

މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް، މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ދެމެދު ސޮއިކުރެވިފައިވާ ފަހުމު ނާމާގެ ދަށުން މިއަދު ފެށިގެން މިދިޔަ އެންވަޔަރަމަންޓް ޕޮލިސްގެ ޚިދުމަތަކީ ރާއްޖެއަށް މުހިންމު ޚިދުމަތެއް ކަމަށާއި މިޚިދުމަތް ފެށިގެން ދިއުމާއެކު، މަގުތަކަށް ކުނިއަޅާ ފަރާތްތައް ހޯދައި ކުނިއެޅުން ހުއްޓުވުމަށް މަސައްކަތްކުރެވިގެންދާނެ ކަމަށާއި ޤަވާއިދާއި ޚިލާފަށް މަގުތަކަށް ކުނިއަޅާ ފަރާތްތަކާއިމެދު ކުނިމެނޭޖް ކުރުމާއިބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅިގެންދާނެކަމަށެވެ. އަދި މިއަދުމިފެށު އެންވަޔަރަމަންޓް ޕޮލިސްގެ ޚިދުމަތާއެކު މާލެތެރެ ސާފުވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

Environment1

އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ދެމެދު ސޮއިކުރެވިފައިވާ ފަހުމު ނާމާގެ ދަށުން މިހާތަނަށް މާލޭގެ އެކިސަރަހައްދުތަކުން 77 ތަނެއް ސާފުކުރެވިފައިވާ ކަމަށާއި، ޤަވާއިދާ ޚިލާފުވެގެން ޖޫރިމަނާ ކުރެވުނު 17 ފަރާތަކަށް ސްލިޕް ހަވާލުކުރެވިފައިވާނެ ކަމަށާއި އަދި 46 ފަރާތަކަށް ނަސޭހަތްތެރިވެފައިވާނެކަމަށެވެ.  މީގެއިތުރުން ކުނިއެޅި ވަކިފަރާތެއް ނޭނގޭ 23 ތަނެއް ހުރިކަން ފާހަގަކުރެވިގެން އެންވަޔަރަމަންޓް މިނިސްޓްރީއާއި އެންވަޔަރަމަންޓް ޕޮލިސް ގުޅިގެން އެތަންތަންވެސް ސާފުކޮށްފައިވާކަމަށެވެ. އަދި ޖޫރިމަނާވެގެން ސްލިޕް ހަވާލުކުރުމުގެ ބަދަލުގައި މަސައްކަތްކުރެވިގެންދާނީ މަގުތަކަށް ކުނިއަޅާ ފަރާތްތަކަށް ނަސޭހަތްތެރިވެގެން އެކަންކަން ހައްލުކުރުމަށް ކަމުގައެވެ.