ha

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ހއ.ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހއ.ދިއްދޫގައި ހުންނަ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް  8ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދެވެ. މިރަސްމިއްޔާތުގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝަރީފް އާއި ޓްރެފިކް ރޯޑް ސޭފްޓީ ޔުނިޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާ އާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ބައިވެރިވެލެއްވިއެވެ.

މިރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އިފްތިތާޙް މިކުރެވުނު ޕްރޮގްރާމަކީ ވަރަށްވެސް މުހިއްމު ޕްރޮގްރާމެއްކަން ފާހަގަ ކުރައްވައި، މިޕްރޮގްރާމްގެ ސަބަބުން ދަރިވަރުން އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑުވެ ހިތްވަރާއިއެކު ކަންކަމާއި ކުރިމަތިލުމުގެ ރޫޙު ކުދިންގެ ކިބައިގައި އަށަގަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިޕްރޮގްރާމްގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ކުދިންނަށް ދަސްކޮށްދެވުނު ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމަށާއި  ސްކޫލް މާޙައުލުގައާއި ސްކޫލުން ބޭރުގައިވެސް ނަމޫނާ ދަރިވަރުންތަކަކަށް ޓްރެފިކް މޮނީޓަރުންވުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވިއެވެ.

މިއަހަރުގެ މެއި މަހުގެ 1 ން 7 އަށް ދިއްދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 37 ދަރިވަރަކު ބައިވެރިވެ ކާމިޔާބުކަމާއިއެކު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވެއެވެ. ޕްރޮގްރާމުން ފާސްވި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރެފިކް މޮނީޓާރސް ޖެކެޓް ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދެވެ.