viber image

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި  ޕޮލިސް ޑިވިޜަންތަކުގައި ޤާއިމްކޮށްފައިވާ ޕަބްލިކް އޯޑަރ ޔުނިޓްތަކާއި ކުއިކް ރިއެކްޝަން ޓީމްތަކަށް ޚާއްސަކޮށްގެން  ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިތަމްރީނު ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ބުރު ޖުލައި 29ން އޮގަސްޓް 2ށް  ސައުތު ޕޮލިސް ޑިވިޜަންގައި ވަނީ ހިންގާފައެވެ. އަދި ދެވަނަ ބުރު އޮގަސްޓް މަހުގެ 6ން 9ށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ވަނީ ހިންގާފައެވެ.

މި ތަމްރީނު ޕްރޮގްރާމުތަކުގައި ޕަބްލިކް ޑިސްއޯޑަރ ޙާލަތްތަކުގައި އަމަލުކުރާނެ އުކުޅުތަކަށް އިތުރަށް އަހުލުވެރި ކުރުވުމާއި  ދިމާވެދާނެ ހާދިސާތަކަށް ބިނާކޮށް، ސިނާރިއޯ ތައްޔާރުކޮށް އެފަދަ ޙާލަތްތަކުގައި ޒިންމަދާރުކަމާއެކު މަސައްކަތްކުރުމަށް ތަމްރީން ދީފައިވެއެވެ. އަދި އިންތިޚާބާއި ދިމާކޮށް ތައްޔާރުކުރެވޭ ކުއްލި ޙާލަތުގައި ޙަރަކާތްތެރިވާނެ ޓީމުން، ހަރަކާތްތެރިވާންޖެހިދާނެ ޙާލަތްތަކަށް ބިނާކޮށް އޮޕަރޭޝަނާއި އަދި ކޯޑަން އެންޑް ސަރޗް އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ތަމްރީންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ފާއިތުވި އިންތިޚާބުތަކުގައި ހިނގާފައިހުރި މައްސަލަތަކަށް ބަލައިގެން ސިނާރިއޯތައް ތައްޔާރުކުރެވި އެފަދަ ކަންކަން ހައްލުކުރުމަށް ތަމްރީނުތައް ދީފައިވެއެވެ.

މިތަމްރީނު ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި މަސައްކަތްކުރަނީ ސްޕްޝެލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ކަމާގުޅުންހުރި މަޢުލޫމާތުތައްދީ އަހުލުވެރިކުރުމުގެ އިތުރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ޕްރޮގްރާމްތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.