viber image

މާލޭގެ ބައެއް ސަރަހައްދުތަކުގެ ތެރެއިން ސިނަމާލެ، މާލެހިޔާ އަދި ވިލިމާލެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަަދަކުރުމުގެ ގޮތުން އެސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް  ސެކިއުރިޓީ ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ  އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ.

fahumunama

ފަހުމުނާމާގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރ  މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ސިނަމާލެއާއި މާލެހިޔާ އަދި ވިލިމާލެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް  ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން އެސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބެލެހެއްޓުމަށް މިސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން، އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވެގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މީގެއިތުރުން  މިސަރަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއަށް ގެންދާނެ ކަމަށާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި، އެސަރަހައްދުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެސަރަހައްދުތަކުގައި ހަރުކުރެވޭ ކެމެރާތައް ފުލުހުންގެ ކޮމާންޑް ސެންޓަރުން ވަގުތުން ބަލައިލެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެގެން ދާނެކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މީގެއިތުރުން ސަލާމަތީ ކަންކަން އިތުރަށް ބެލެހެއްޓުމަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީ ގެ ޚިދުމަތް އެސަރަހައްދުތަކުން ލިބިގެންދާނެކަމަށާއި މިކަމަކީ ފުލުހުންނާއި އެހެނިހެން ދާއިރާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދާ ބޮޅެއްކަމުގައި ފާހަގަ ކުރެއްވިއެވެ.