iscVS sO

ސީޕީ ކަޕް ފުޓްބޯޅަ މުބަރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން އައިއެސްސީ ކޮމްބައިން ޖާގަހޯދިއިރު ޕޮލްކޯ ކޮމްބައިން އާއި އެސްއޯއާރުސީ ހާޓް ބީޓް ސެމީ ފައިނަލުގައި ވާދަކުރަން ޖެހިއްޖެއެވެ.

އައިއެސްސީ ކޮމްބައިން ފައިނަލުން ޖާގަހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަދި ކުޅުނު ހަތަރު މެޗުން ދެމެޗު ކާމިޔާބުކޮށް ލިބުނު 6 ޕޮއިންޓާއި ފައިދާ ގޯލުގެ ތަފާތުން ދެވަނަ ޓީމުގެ ގޮތުގައި އެސްއޯއާރުސީ ހާޓްބީޓް ސެމީއަށް ދިޔައިރު ތިން ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދީ ޕޮލްކޯ ކޮމްބައިންނެވެ. ޕޮލްކޯ ކޮމްބައިން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗެއް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. ޕީސީޑީއަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުން އެޓީމަށް ލިބެނީ ހަތަރު ވަނައެވެ. އަންހެން ޑިވިޜަންގައި ދެން ހިމެނޭ ފޮރެންސިކް ފެރެންޑްސް އަށް ޕޮއިންޓެއް ލިބިފައިނުވެއެވެ.

ޕޮލްކޯ ކޮމްބައިން ވަނީ ރޭ  ފޮރެންސިކް ފްރެންޑްސް އާ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި އެސްއޯއާރުސީ ވަނީ ރޭ ކުޅުނު މެޗުން ބަލިވެފައެވެ. އެސްއޯއާރުސީ ހާޓް ބީޓް ބަލިވެފައިވަނީ ޕިސީޑީ އާވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާގޮތަށެވެ. ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައެޅުމަށް ސެމީފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗުގައި ވާދަކުރާނީ އެސްއޯއާރުސީ ހާޓް ބީޓް އާއި ޕޮލްކޯ ކޮމްބައިންއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 11 ވަނަ ދުވަހުގެރޭ 21:00 ގައެވެ.

އަންހެން ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 13 ވަނަ ދުވަހުގެރޭ 21:00 ގައެވެ.