GA Atoll

ގއ. އަތޮޅުގެ ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ގއ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

ގއ. އަތޮޅު ގައި މަސައްކަތް ކުރާ ފުލުހުންނާއި ޕަބްލިކް އެފެއަރޒް ޑިޕާޓްމެންޓް ގުޅިގެން، ޖުލައި 8 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމްތަކުގައި، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމާއި، އާއްމު ގޮތެއްގައި ކުދިން ކުރާ ކުށްތަކާއި، ކުށްތަކަށް އަރައިގަތުމަށް މަގުފަހިވާފަދަ ކަންކަމާއި، އެފަދަ މައްސަލަތައް ހައްލުކުރާނޭ ގޮތްތަކާއި ގުޅޭގޮތުން، ގއ. ނިލަންދުއާއި ދާންދޫ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

އަދި މީގެއިތުރުން ގއ. އަތޮޅު މަދަރުސާގެ ގްރޭޑް 5 އާއި ގްރޭޑް 6 އަދި ގްރޭޑް 10ން 12ށް ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް، ސްޓޫޑެންޓްސް ވެލިއު އެންޑް ބީ ގުޑް ސްޓޫޑެންޓްސްގެ ނަމުގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ޖުލައި 8ވަނަ ދުވަހު މިވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހަރުދަނާ ރަނގަޅު ދަރިވަރެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކާއި ހަރުދަނާ މީހަކަށްވުމަށްޓަކައި ދަރިވަރުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތްތަކާއި ދަރިވަރުންގެ އަޚްލާޤް ބައްޓަންކުރާނެ ގޮތްތަކާއި ދަރިވަރުންގެ ޒިންމާތަކާއި، މައިންބަފައިންނާއި މުދައްރިސުންނަށް އަދަބު އިޙުތިރާމް ކުރުމާއި ހަރުދަނާ މީހެއްގެ ގޮތުގައި މުޖްތަމަޢަށް ނުކުތުމަށްޓަކައި ކުރަންވީ ކަންކަމާއި އަދި ރިވެތި އަދަބުތަކާއި ސިފަތައް އަށަގެންނެވުމަށް ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާދު ދަރިވަރުންނަށް ދީފައިވެއެވެ.

ކުށުން ދުރުހެލިވެފައިވާ އަމާން މުޖްތަމަޢެއް ޤާއިމްކުރުމަށް، ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.