Maamigili

އެކި މައްސަލަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ.މާމިގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ އދ.މާމިގިލީ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

މިއަދު ނައްތާލާފައިވަނީ 216 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 340 ފުޅި ބަނގުރަލާއި އެކި ބްރޭންޑްތަކުގެ 278 ދަޅު ބިޔަރެވެ. މިތަކެއްޗަކީ 2017 ނޮވެމްބަރ 27 ވަނަ ދުވަހުން ފެށިގެން 2018 މެއި 4 ވަނަ ދުވަހުގެ ނިޔަލަށް، އދ. މާމިގިލީގައި ޤާއިމްކޮށްފައިވާ އދ. މާމިގިލި އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން މާމިގިލީގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.