naween sir

ފުލުހުންގެ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ގއ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

ޖުލައި 3ން 6ށް  ގއ. އަތޮޅަށް މިކުރެއްވި ދަތުރުފުޅުގައި، ގއ. އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރައްވައި، ފުލުހުންގެ ފަރާތުން އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަމާއި، އަދި ކައުންސިލްތަކާއި ގުޅިގެން ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަގޮތުގައި ގެންދިޔުމަށް ފުލުހުންކުރާ މަސައްކަތްތަކުގައި، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި ރަށްރަށުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކައުންސިލްތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެއިތުރުން ކުރިއަށް އޮތްތަނުގައި ގއ. އަތޮޅުގެ ރަށްތަކުގައި ފުލުހުންގެ ޢަދަދު އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި މިހާރުވެސް ރަށްރަށުގެ ކައުންސިލްތަކުން ފުލުހުންނަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މި ބައްދަލުވުންތައް ގއ. އަތޮޅުގައި މީހުން ދިރިއުޅޭ 9 ރަށުގައި ކުރިޔަށް ގެންގޮސްފައިވެއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެއަތޮޅުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޑެސްކް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއިވެސް ބައްދަލުކުރައްވާފައިވެއެވެ.

މިބައްދަލު ކުރެއްވުންތަކުގައި، ޕްރޮފެޝަނަލްކޮށް އަދި ރައްޔިތުން ބަލައިގަންނަފަދަ ޚިދުމަތެއް ދިނުމާއި ޚާއްސަކޮށް މުވައްޒަފުން ކިޔެވުމަށް ބާރުއަޅައި، މިދާއިރާގައި ކުރިއަށް ދިއުމަށް ތަޢުލީމު އުނގެނުމުގެ މުހިންމު ކަމާއި  އަބަދުއެއް ތަނެއްގައި ތިބެގެން މަސައްކަތް ކުރުމުން އެންމެ އެކަށީގެންވާ ތަޖުރިބާ ނުލިބޭނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ތަފާތު ތަންތަނުގައި މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމަށާއި ކުރިއަށް އޮތީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެއްކަމާއި އެއްވެސް މުވައްޒަފަކު ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް ނަސޭޙަތްތެރިވެފައިވެއެވެ.

ގއ. އަތޮޅުގައި މިހާރު ހުޅުވާފައިވާ 3 ރިސޯޓްގެ މެނޭޖްމަންޓާއިވެސް، މިދަތުރުފުޅުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން މިބައްދަލު ކުރެއްވުންތަކުގައި، ޚާއްސަކޮށް ރިސޯޓްތަކަށް ސެކިއުރިޓީ ގޮތުން ހުރި ހުރަސްތައް ބަލައި އެކަންކަން ޙައްލުކޮށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެފަރާތްތަކާއިއެކު ވަނީ މަޝްވަރާކުރައްވާފައެވެ.