magoodhoo

ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފ. މަގޫދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ކުށްމަދު ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން، މި ޖޫން މަހުގެ 26 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، މަގުދޫގައި ހިންގާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި، ފައިސާގެ ވަގުނޫޓް ދެނެގަންނާނެ ގޮތް އޮޅުންފިލުވައި ދިނުމުގެ އިތުރުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.

އަދި މީގެއިތުރުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި އެކައުންޓާއި ކޭޝްކާރޑްގައިވާ މަޢުލޫމާތު ހޯދަމުންދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ.