MPS2

ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ފުލުހުންގެ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާކޮށްފިއެވެ.

އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު އާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ބައިވެރިވެލެއްވި މިބައްދަލު ކުރެއްވުމުގައި، ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ކުރިންނާއި އިންތިޚާބުގެ ތެރޭގައާއި އަދި އިންތިޚާބަށްފަހު ދިމާވެދާނެ ކަންކަމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބު މޮނިޓަރ ކުރާނެ ފަރާތްތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ކަންކަން ލިއޭޒް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިހާރު މަޝްވަރާކުރެވެމުން ދާކަމަށް ވިދާޅުވިއެވެ.

ހަަމައެއާއެކު އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތްތައް އަންނަ ޖުލައި މަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި  އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒުގެ ލަފަޔާއި އިރުޝާދުގެ މަތިން އިންތިޚާބުގައި ހަރަކާތްތެރިވާ ފުލުހުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ފުލް ސްކޭލް އެކްސަސައިޒެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް އެސިސްޓަންޓް ކަމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވިއެވެ.