shop visit

ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ކުށްމަދު ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން، މި ޖޫން މަހުގެ 25 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ހުޅުމީދޫގައި ހިންގާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުވުމާއި، ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި، ފައިސާގެ ވަގުނޫޓް ދެނެގަންނާނެ ގޮތް އޮޅުންފިލުވައި ދިނުމުގެ އިތުރުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.

އަދި މީގެއިތުރުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި، އެކައުންޓާއި ކޭޝްކާރޑްގައިވާ މަޢުލޫމާތު ހޯދަމުންދާ މައްސަލަތަކާއި ގުޅޭގޮތުންނާއި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އުޅަނދު ޕާރކުކުރުމުގައި ހިނގާމީހުންނަށް އުނދަގޫ ނުވާނެފަދަ ގޮތަކަށް މަގުގެ އެއްފަރާތެއްގައި ޕާރކްކުރުމާއި  ގުޅޭގޮތުން މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ.