viber image

އިސްލާމިކް މިނިސްޓްރީއާއި  މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ “ރަޙްމަތް ކޭމްޕް”ގެ ހަރަކާތްތައް ޅ.އަތޮޅުގައި ފަށައިފިއެވެ.

 ޖޫން 24ން 25ށް ނައިފަރުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ އިތުރުން، މިކޭމްޕްގެ ހަރަކާތްތަކެއް ހިންނަވަރުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޤައުމީ ފެންވަރެއްގައި ކުރިއަށް ގެންދާ މިކޭމްޕަކީ، ދީނީ ގޮތުން ރައްޔިތުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުމާއި ހަސަދަވެރިކަމާއި ރުޅިވެރިކަން ނައްތާލައި އެއްބަނޑު އެއްބަފާ މުސްލިމު ޖަމާޢަތަކަށް ދިވެހި މުޖުތަމަޢު ހެދުމުގެ މަޤްޞަދުގައި، މުޅި ރާއްޖޭގައި ހިންގުމަށް ރޭވިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

އެގޮތުން ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަތުމާއި ރަށުގެ ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ އިތުރުން ދީނީ ނަސޭހަތާއި ދަރުސްތައް ދިނުމަށް ހަމަޖެހިފައިވާ މިކޭމްޕްގައި މަޢުލޫމާތު ދެއްވަނީ އައްޝެއިޚް އަހުމަދު ފަހުމީ ދީދީ އާއި އައްޝެއިޚް އަހުމަދު މަޢުމޫނެވެ.

ރަށްރަށުގެ ރަށުކައުންސިލަރުންނާއި ސްކޫލްތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ރަށްރަށުގައި ހުރި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައް މިކޭމްޕްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ދީނީ ކައުންސިލިން ބޭނުންވާފަރާތްތަކަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ޚާއްސަ ދީނީ ދަރުސްތައް ދިނުމަށް ހަމަޖެހިފައިވެއެވެ.

ރަޙުމަތް ކޭމްޕްގެ ހަރަކާތްތަކެއް އައްޑޫސިޓީއާއި ފުވައްމުލަކާއި ހއ. އަތޮޅު އަދި ރ. އަތޮޅުގައި މީގެކުރިންވަނީ ކުރިއަށް ގެންގޮސްފައެވެ.