drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ގދ. ތިނަދޫން ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖޫން 19ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކުރަން އުޅުމުގެތެރޭގައި މޫދަށް އެއްލައި އެއްޗެއް ނަގައި ބެލިބެލުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގއ. ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް  13 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.