dhuvaafaru

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ދުވާފަރަށް އަންނަ ބޯޓަކުން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ރ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖޫން 13ވަނަ ދުވަހުގެރޭ  ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 23 ރަބަރު ޕެކެޓު މިމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭން ފެނިފައިވެއެވެ.

މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަނުންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންެނެވެ.