drug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަނާއި ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ. މިދެމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަގުމަތީގައި އުޅެނިކޮށް އޭނާއަށް ފުލުހުން ފެނުމުން ދުވެފައިގޮސް އޭނާ ދިރިއުޅޭ ގެއަށް ވަނުމުން، އެގޭ ތެރެއިންނެވެ. މިމީހާ އަކީ ގޭބަންދުގައި ހުރި މީހެކެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ  އެއްޗެއް އަޅާފައިވާ 34 ރަބަރު ޕެކެޓާއި،  6445 ރުފިޔާ ފެނިފައިވެއެވެ.

މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުގެރޭ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި . ހިތަދޫ ކުޅި ސަރަޙައްދުންނެވެ.

މަސްތުވާތަކެތި ބޭނުންކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މިމީހާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި ދެމައްސަލަ ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.