hirilandhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނާއި، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން  ޖޫން 9ވަނަ ދުވަހު 20:00 ހާއިރު ހިންގި އޮޕަރޭޝަންގައި 47 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައިފާސްކުރި ކުރުމުން، މީނާގެ ފުރަގަސް ފަރާތުން ކަޅުކުލައިގެ އިންޝިއުލޭޝަން ޓޭޕް އޮޅާފައި އޮތް އެއްޗެއް ނަގާ ބެލިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މަސްތުވާތަކެތީގެ މި މައްސަލައާގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މީގެއިތުރުން ހިރިލަންދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ހިރިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ޖޫން 10ވަނަ ދުވަހުގެރޭ 23:30ހާއިރު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި  18 އަހަރުގެ މީހަކު މިވަނީ  ހައްޔަރުކޮށްފައެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ  13 ރަބަރު ޕެކެޓު މިމީހާގެ އަތުން ފެނިފައިވެއެވެ.

މަސްތުވާތަކެތީގެ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

  މިދެމައްސަލަ ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.