vlg

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

 މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ޖޫން 5 ވަނަ ދުވަހުގެ 11:55 ހާއިރު ގއ.ވިލިނގިލި ބަނދަރު ސަރަޙައްދުންނެވެ .

އޭނާ ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަަލައިފާސްކުރިއިރު އޭނާގެ އަތުން ފެނުނު ސިިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ސެލޯފިންކޮޅާއި 3 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤް ކުރިއަށް ގެންދިއުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.