viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ  މަސައްކަތްތަކުގެ ތެރެއިން، މ. މުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 4 މީހަކާއި 18 އަހަރުން ދަށުގެ ދެކުދިން ހައްޔަރުކޮށްފިއެވެ.

މ. ނާލާފުށިން މ. މުލަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖޫން 5ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ 2 ކުދިންނާއި 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެެ.

މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މިމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ދެކުދިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މ. މުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ގޭގައި ބަންދުގައި ބެހެއްޓުމަށް 3 ދުވަހުގެ މުއްދަތެއް އެއްކުއްޖަކަށް ދީފައިވާއިރު 18 އަހަރުން ދަށުގެ އަނެއްކުއްޖާ ގޭގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ 18 އަހަރުގެ މީހާއާއި، 19 އަހަރުގެ މީހާއާއި،  20 އަހަރުގެ މީހާ އަދި 23 އަހަރުގެ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މ. މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 5 ދުވަހުގެ މުއްދަތެއް، 18 އަހަރުގެ މީހާއާއި، 19 އަހަރުގެ މީހާގެ އިތުރުން  20 އަހަރުގެ މީހާއަށް ދީފައިވާއިރު 23 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 14 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ މ. މުލަކު ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.