admin-ajax

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ކ. ހިންމަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނަކީ ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި  އޮޕަރޭޝަނެކެވެ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖޫން 3ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމިހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުއްކުރެވޭ އެއްޗެއް އަޅާފައިވާ 7 ރަބަރު ޕެކެޓު މިމީހާގެ އަތުން ފެނިފައިވެއެވެ.

މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

 މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން، ބ. އޭދަފުށީގައިވެސް ޖޫން 3ވަނަ ދުވަހު ފުލުހުން މިވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން މާލޭން އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށް މިމީހާ ދިރިއުޅޭ ކޮޓަރި ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބޮޑު 6 ރަބަރު ޕެކެޓު މިމީހާ ދިރިއުޅޭ ކޮޓަރިތެރެއިން ފެނިފައިވެއެވެ.

 މިމިހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިިދެމައްސަލަ ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.