TFF

މި އަހަރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 596 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހެޅިފައިވަނީ 556 މައްސަލައެކެވެ.

މިމުއްދަތުގައި ފުލުހުންނަށް ހުށަހެޅިފައިވާ ވަކިވަކި މައްސަލަތަކަށް ބަލާއިރު ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ މަދުވެފައެވެ. އެގޮތުން ފާއިތުވި އަހަރު 15 މައްސަލައެއްގައި 18 މީހަކު ހައްޔަރުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 7 މައްސަލައެއްގައި 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 127 މައްސަލަ މިއަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި 109 މައްސަލަ ހުށަހެޅިފައިވެއެވެ. ވައްކަމުގެ މައްސަލަތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުށަހެޅިފައިވަނީ ކުދި ވައްކަމުގެ މައްސަލަތައްކަން ފާހަގަކުރެވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައިވެސް ކުދި ވައްކަންތައް އިތުރުވަމުންދާއިރު މިފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އާންމު ރައްޔިތުންވެސް މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އެގޮތުން ދިރިއުޅޭ ގެ ނުވަތަ އެޕާޓްމަންޓްގެ ހުރިހާ ދޮރެއް ރަނގަޅަށް ތަޅުލެވުނުތޯ، ނިދުމުގެ ކުރިންނާއި އަދި ގެއިންބޭރަށް ދިއުމުގެ ކުރިން އިތުރަށް ޗެކްކުރުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ. މީގެއިތުރުން ގޭގައި ހުންނަ އަގުބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ބޮޑަށް ރައްކާކުރުމާއި، ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ބެންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި ފޯނާއި ޓެބްލެޓާއި ލެޕްޓޮޕް ފަދަ ތަކެއްޗާއި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިންމު ތަކެތި ހާމަ ތަންތަނުގައި ނުބަހައްޓައި ރައްކާކުރުމަކީވެސް މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ޙަރަކާތްތެރިވިނަމަވެސް ވައްކަމުގެ މައްސަލަތަކަކީ ވަރަށް ރޭވިގެން ކުރަމުންދާ ކަމަކަށްވުމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިފަދަ ކޮންމެ މަސައްކަތެއްގައިވެސް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާކަންވެސް މިފުރުޞަތުގައި ފާހަގަ ކުރަމެވެ. އަދި މިފަދަ މައްސަލަތަކަކީ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ ހުއްޓުވިދާނެ މައްސަލަތަކެކެވެ.