ވިޔަފާރަވެރިން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން --
ވިޔަފާރަވެރިން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން --

އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިޔަފާރިވެރިންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފުލުހުން ކުރިއަށްގެންގޮސްފިއެވެ.

އެގޮތުން ގއ. މާމެންދޫ ޕޮލިސް ސްޓޭޝަނުން މެއި 13 ވަނަ ދުވަހު ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާއިރު، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަން ގުޅިގެން ތ. ގާދިއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މެއި 14ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.  އަދި އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހުޅުމީދޫގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މެއި 14ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، އެފަދަ ކަމެއް ފާހަގަ ވެއްޖެނަމަ އަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތު ވިޔަފާރިވެރިންނަށް ދީފައިވެއެވެ. އަދި މީގެއިތުރުން ފިހާރައާއި މުދަލުގެ ރައްކާތެރިކަމަށްޓަކައި ފިހާރައިގެ ސެކިއުރިޓީ ކަންކަން ވަރުގަދަކުރުމާއި، ގިނައަދަދަކަށް ފައިސާ ފިހާރައިގައި ރައްކާކޮށްފައި ނުބެހެއްޓުމާއި، ފިހާރަ ބަންދު ކުރާއިރު ފިހާރައިގައި ކޮންމެވެސް ވަރަކަށް އަލިކަން ބެހެއްޓުމާއި، އިންޓަރނެޓްގެ ޒަރީއާއިން ފައިސާ ހޯދުމަށް ކުރަމުންގެންދާ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރަންވީ ގޮތް އޮޅުންފިލުވައިދީފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.