Dharus

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ''ރަމަޟާން މަހުގެ ހެވާއި ދަރުމަ ޙާޞިލްކުރާނީ ކިހިނެއް'' މިނަމުގައި ޚާއްސަ ދަރުހެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ދަރުސް ދެއްވާފައިވަނީ އައްޝެއިޚް ޢަބްދުލް ޢަޒީޒު ހުސައިނެވެ. އައްޝެއިޚް ޢަބްދުލް ޢަޒީޒު ހުސައިން ދެއްކެވި ވާހަކަފުޅުގައި، ރަމަޟާން މަހަކީ އަހަރަކު އެއްފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ވަރަށް މާތް މައްސަރެއްކަމާއި ރަމަޟާން މަހުގެ ދަރުމަޔާއި ޘަވާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ ރޯދަހިފުމުން ރޯދަވެރިޔާއަށް ލިބޭ ނިޢުމަތްތަކާއި  ރޯދަވެރިޔާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި މަތީ ދަރަޖައެއް ޙާޞިލުކޮށްފައިވާ މީހެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

Dharus3

މީގެއިތުރުން ރޯދައަށް ހުރުމަކީ ހަމައެކަނި ނުކައި ހުރުމެއް ނޫންކަމާއި ރޯދައަކީ އިންސާނާގެ ވެރި ﷲ އާއި ރޫޙާނީ ގޮތުން ބޮޑު ގުޅުމެއް އުފެދޭކަމެއް ކަމަށާއި ރޯދަވެރިޔާ ކުރުން ހުއްދަ ކަންކަމާއި ރޯދަވެރިޔާ ކުރުން މަނާކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ރަމަޟާން މަހަކީ ކިހާ މުހިންމު މަހެއްކަމާއި އެމަހުގައި ގިނަގިނައިން ޤުރުޢާން ކިޔެވުމާއި ދީނީއަޅުކަމަށް ވަގުތު ހުސްކޮށްގެން އެއަޅުކަންތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމާއި ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެ ކަމާއި އިސްރާފު ނުކުރުމަށާއި ޔަތީމުންނާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނަސޭޙަތްތެރިވެފައިވެއެވެ.

Dharus2

 ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އިންތިޒާމްކޮށްގެން ބޭއްވި މި ދަރުސްގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ގިނައަދަދެއްގެ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އާއްމު މުއައްޒަފުން ބައިވެރިވެފައިވެއެވެ