CP Visit2

ތައިލެންޑްގެ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ދިވެހި ފުލުހުންނަށް ލިބެންހުރި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާ ގުޅޭގޮތުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ދިވެހި ފުލުހުންނަށް ލިބެންހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް މެއި މަހުގެ 10 ން 11 އަށް ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ އަދި ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ އެކި ޑިވިޜަންތަކުގެ ޓްރެއިނިންގ މަރުކަޒުގެތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައެވެ.

CP Visit1

މި ބައްދަލުކުރެއްވުންތަކުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވަނީ ފޮރެންސިކާއި ކްރިމިނަލޮޖީ އާއި ލޯ އެންފޯސްމަންޓްގެ އެކި ދާއިރާތަކުން ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ހިންގާ ތަމްރީން ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، ދިވެހި ފުލުހުންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން އެއެކަޑަމީން ހިންގާ ކުރު ތަމްރީން ޕްރޮގްރާމްތަކުންނާއި މާސްޓަރސް ޕްރޮގްރާމްތަކުގައި ދިވެހި ފުލުހުންނަށް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުންނާއި ކުރިއަށްކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ފުލުހުންނަށް ބޭނުންވާ ކަމާގުޅުންހުރި ދާއިރާތަކުން ތަމްރީނުތައް ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ދިވެހި ފުލުހުންނާއި ތައިލެންޑްގެ ފުލުހުން ޢަމަލުކުރަމުންދާ ބެސްޓް ޕްރެކްޓިސްތައް ދެ ޤައުމުގެ ފުލުހުންގެ މެދުގައި ހިއްސާކޮށް މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން އެކްސްޗޭންޖް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުންވެސް މި ބައްދަލުވުންތަކުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

CP Visit

މި ބައްދަލުކުރެއްވުންތަކުގައި ބައިވެރިވެލެއްވި ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ އިސްވެރިންވަނީ ދިވެހި ފުލުހުންނަށް  އެކިދާއިރާތަކުން ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ ޑިޖިޓަލް ފޮރެންސިކް ލެބޯޓްރީއަށާއި އޮޕަރޭޝަން ދާއިރާތަކުން ތަމްރީނުތައް ހިންގާ ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީގެ އެކި މަރުކަޒުތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.