މާފަރުގައި ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހިތައް --
މާފަރުގައި ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހިތައް --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. މާފަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މެއި 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ނ. މާފަރު ބަނދަރު ސަރަޙައްދުންނެވެ. އެމީހާ ހުއްޓުވައި، ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުަމށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.