Silent1

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަގައިގެން، ދިވެހި މުޖްތަމަޢުގައި ހިމެނޭ އަޑުއިވުމުން މަޙްރޫމްވެފައިވާ މީހުންނަށް "ސައިލެންޓް ޓުއަރ" އެއް ފަށައިފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައިި މި ސައިލެންޓް ޓުއަރ ރަސްމީކޮށް ފައްޓަވައިދެއްވީ އެކްޓިންގ ކޮމިޝަނަރ އޮޕް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޑެފް އެސޯސިއޭޝަންގެ މެމްބަރުންނާއި އެކި މުއައްސަސާތަކުގައި މަސައްކަތްކުރަމުންދާ، އަޑު އިވުމުން މަޙުރޫމް ވެފައިވާ ގިނައަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

Silent

މިރަސްމިއްޔާތުގައި، އެކްޓިންގ ކޮމިޝަނަރ އޮޕް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ފަލްސަފާގައި ކުރިމަތިވަމުންދާ ކަންކަމާއި ގުޅިގެން ކުރިއަށް ނުދެވޭނެ ކަމާއި އެކަންކަން ހައްލު ނުކުރެވޭނެ ކަމުގެ ވިސްނުން ނުގެންގުޅުމަށާއި، އަޑު އިވުމުން މަޙުރޫމް ވެފައިވާ ފަރާތްތަކަކީވެސް އެހެންމީހުންނެކޭ އެއްފަދައިން މުޖްތަމަޢުގައި ދިރިއުޅެވޭނެ ބައެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ފުލުހުންގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެކަމަށާއި އެފަދަ ފަރާތްތަކަށް މުޖްތަމަޢުން ކުރިމަތިވާ ކަންކަން ފުލުހުންނަށް ރިޕޯޓު ކުރެވޭނެ ލުއި ފަސޭހަ ގޮތްތައް ޤާއިމްކުރުމުގެ ގޮތުން ސައިން ލޭންގްއޭޖުން ވާހަކަ ދެއްކުމަށް އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުން ތަމްރީން ކުރާނެކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު އަޑު އިވުމުން މަޙުރޫމް ވެފައިވާ އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވަމުންދާ ޖިންސީ ފުރައްސާރަ ކުރުންފަދަ ކަންކަމާއި ގުޅިގެން އެފަދަ މައްސަލަތައް ފަސްޖެހުމެއްނެތި ފުލުހުންނަށް ރިޕޯޓު ކުރެވޭނެ ފަހި މާހައުލެއް ފުލުހުންގެ ތެރޭގައި ޤާއިމްކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

Silent2

މީގެއިތުރުން ''ހުރިހާ މީހުންގެ އަޑުއިވޭނެ، އަޑު އަހާނެ އަދި އަމަލު ކުރާނެ'' މި ސްލޯގަންގެ ދަށުން މަސައްކަތްކުރާނެ މާޙައުލެއް ޤާއިމްކޮށް އެގޮތަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީން ކަން ދެއްވައި، ވަކި ފަންތިއެއް ގިންތިއެއް ނެތި ކޮންމެ މީހެއްގެ އަޑު އުފުލުމަށް ނަސޭހަތްތެރިވެ، ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ހައްލުކުރާނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ދެއްވާފައިވެއެވެ. އަދި ފުލުހުންގެ އިސްނެގުމާއި އެކު ފެށިގެންމިދާ ސައިލެންޓް ޓުއަރގެ ސަބަބުން، އަޑު އިވުމުން މަޙުރޫމުވެފައިވާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންކަން ރާވައި ހިންގުމާއި އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެއެވެ. އަދި އެހެން މުއައްސަސާތަކުންވެސް އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންނަށް ލިބޭ ހިތްހަމަޖެހުމެއްކަމުގައި އެކްޓިިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ފާހަގަކުރެއްވިއެވެ.

Silent3

މިއަދު ފެށިގެންމިދިޔަ ސައިލެންޓް ޓުއަރގެ ބައިވެރިން ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ހުޅުލޭގައި ހުންނަ ފުލުހުންގެ ޑޯގް ސްކޮޑާއި، ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރާއި، ފޮރެންސިކް ލެބޯޓްރީގެ އިތުރުން ނޫސަންދަ ކްލިނިކްގެ މަސައްކަތްތަކާއި ފުލުހުންގެ އެކިއެކި ޔުނިފޯމްތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން އެކި ކަންކަމަށް ބައިވެރިން އަހުލުވެރި ކުރުވުމުގެ ގޮތުން މަޢުލޫމާތު ދިނުމަސް ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްކުމަށް ހަމަޖެހިފައިވެއެވެ.

މި ސައިލެންޓް ޓުއަރއަކީ ދިވެހި ފުލުހުންނާއި ޑެފް ސޮސައިޓީއާއި ގުޅުން ބަދަހިކުރުމާއި އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ލިބެންޖެހޭ މަޢުލޫމާތާއި ހިމާޔަތް ލިބިގަތުމަށް ފަސޭހަކަމާއިއެކު މަގުތަނަވަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޓުއަރއެކެވެ.