މަސްތުވާތަކެއްޗާއެކު މީހަކު ދަރަވަންދޫން ހައްޔަރުކޮށްފި

ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް
dharavandhoo11

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ބ. ދަރަވަންދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ދަރަވަންދޫން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މެއި މަހުގެ 4 ވަނަ ދުވަހުގެރޭ 3:15 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މުއްދަތެއް ނެތްގޮތަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.