އައިލްސް އިން ދެ ކޯހެއްގެ ދަސްވެނިވުން ބާއްވައިފި

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް

1

އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ހިންގި ދެ ކޯހެއް ނިންމައި ދަސްވެނިވި ދަރިވަރުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރޭ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދުއެވެ. މިރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ކޯސްތަކުގެ ބައިވެރިންނާއި އާއިލާތަކުން ބައިވެރިވެލެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ދެއްކެވި ވާހަކަފުޅުގައި ޤާނޫނު އަސާސީ އާއި ޤާނޫނުތައް ނެގެހެއްޓުމުގައި އެންމެ މުހިއްމު ޒިންމާ ކޮނޑުގައި އެޅިފައިވާ އެއް ފަރާތަކީ ފުލުހުންކަމަށާއި ޤައުމަށް ކަމެއް ދިމާވާ ކޮންމެ ދަނޑިވަޅެއްގައިވެސް އާއްމު ފަރުދުން އެންމެ ބޮޑަށް ބަރޯސާވާ އެއް މުއައްސަސާއަކީ ފުލުހުންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މެދުގައި ފުލުހުންގެ މުއައްސަސާއަށް އޮންނަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަކީ ކޮންމެ ފުލުހެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެއްކަމަށް ވިދާޅުވިއެވެ.

3

މިރަސްމިއްޔާތުގައި އައިލްސްގެ ވައިސް ރެކްޓަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި އައިލްސްއިން ކިޔަވައިގެން ނިކުންނަށް ދަސްވެނިން މިހާރު ރާއްޖޭގައި އުފެދިފައިވާ ސަލާމަތީ ޚިދުމަތްތަކާއި، ޤާނޫނު ތަންފީޒްކުރާ އިދާރާތަކާއި، ޕްރައިވެޓް ސެކިއުރިޓީ ފާރމްތައް ހިންގުމުގެ އިސްސަފުގައި މަސައްކަތް ކުރަމުންދާކަމަށާއި މިއީ ފަޙުރުވެރިވުން ހައްޤުކަމެއްކަމަށް ވިދާޅުވިއެވެ. އަދި އައިލްސްގެ އަމާޒަކީ ލޯ އެންފޯސްމަންޓް ދާއިރާ ޒިންމާދާރުކޮށް، ޕްރައިވެޓް ސެކިއުރިޓީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ރާއްޖެ މިދެކޭ ތަރައްޤީއާއި ކުރިއެރުމުގައި ޒުވާނުންގެ ދައުރު މިދާއިރާތަކުގައި ފުޅާކުރުންކަމުގައިވެސް ވިދާޅުވިއެވެ.

4

ރޭގެ ރަސްމިއްޔާތުގައި ވަނީ އައިލްސްއިން ހިންގި ޑިޕްލޮމާ އިން ޕޮލިސިންގ ކޯހުގެ ދެވަނަ ބެޗާއި ބެޗްލާސް އޮފް ސައިންސް އިން ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒްގެ 3  ވަނަ ބެޗް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ދެއްވާފައެވެ. އެގޮތުން ޑިޕްލޮމާ އިން ޕޮލިސިންގ ކޯހުގެ ދެވަނަ ބެޗު 23 ބައިވެރިޔަކު ފުރިހަމަކޮށް ލިޔުން ހާސިލްކޮށްފައިވާއިރު ބެޗްލާސް އޮފް ސައިންސް އިން ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒްގެ 3  ވަނަ ބެޗު 40 ދަރިވަރަކުވަނީ ފުރިހަމަކޮށްފައެވެ.

2

އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އައިލްސް އުފެދުނު ފަހުން ގިނަ ޢަދަދެއް ކޯސްތަކެއްވަނީ ހިންގާފައެެވެ. އޭގެތެރޭގައި ސެޓްފިކެޓް ލެވަލްގެ ކޯސްތަކާއި ޑިޕްލޮމާ އަދި ޑިގްރީ ލެވަލްގެ ކޯސްތައް ހިންގާފައިވާއިރު މި ކޯސްތަކުގައި ފުލުހުންގެ އިތުރުން ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އާއްމުން ހިމެނޭގޮތަށް ޖުމްލަ 516 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.