މަސްތުވާތަކެއްޗާއެކު ދެމީހަކު ކުޑަހުވަދޫން ހައްޔަރުކޮށްފި

ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި.. ފޮޓޯ: ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި.. ފޮޓޯ: ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްކަތުގެ ތެރެއިން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ 17:20 ހާއިރު ކުޑަހުވަދޫ މަގުމަތިންނެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު 16 އަހަރުގެ ކުއްޖާ ލައިގެންހުރި ޖިންސްގެ ވާތްފަރާތު ފަހަތު ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓް ފެނިފައިވާއިރު 24 އަހަރުގެ މީހާ ލައިގެންހުރި ޖިންސްގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.