Maafushi

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ. މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކ. މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ އަންހެނެކެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިއަންހެންމީހާ ހައްޔަރުކޮށްފައިވަނީ އޭޕްރީލް 28 ވަނަ ދުވަހުގެ ވަގުތެއްގައި މާފުށިންނެވެ.

މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުޑަ ތިން ރަބަރު ޕެކެޓާއި ބޮޑު ތިން ރަބަރު ޕެކެޓާއި 90 ގުޅަ މަނާ ބޭހުގެ އިތުރުން  17  ސިމްކާޑު އޭނާގެ އަތުން ފެނިފައިވެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.