
އދ. ދިއްދޫ ޕޮލިސް ޑެސްކުން އިންތިޒާމްކޮށްގެން އދ. ދިއްދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
ދިއްދޫ އިޖުތިމާޢީ މަރުކަޒުގައި އޭޕްރީލް 25 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މުސްލިމްއެވެ.
އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް “ދުޅަހެޔޮ މުޖުތަމަޢުއަކަށް ކަސްރަތު” މި ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 18 ފަރާތަކުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މި ޕްރޮގްރާމުގައި މޫދު ކަސްރަތުގެ އިތުރުން ދުޅަހެޔޮކޮށް ހަށިގަނޑު ބެހެއްޓުމަށް ކުރެވިދާނެ ކަންކަމާއި ހަށިގަނޑަށް ފައިދާހުރި ކާނާއާ ގުޅޭގޮތުންވެސް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގެ އިންސްޓްރަކްޓަރެއްގެ ގޮތުން ހަރަކާތްތެރިވެރިފައިވަނީ އދ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ސަޢީދު ޢަބްދުލް ހަކީމްގެ އިތުރުން އދ. ދިއްދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނެވެ.