ފުލުހުންގެ ވަޒީފާއަށް އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް
huwa26418

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ  ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޝުޖާޢު ޢުޘްމާނުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ  ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޝުޖާޢު ޢުޘްމާން ވިދާޅުވީ ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާ ޚިލާފުވެއްޖެނަމަ އެކަމުގެ އުޤޫބާތް އެމީހަކަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ޤަވައިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމަށް ފަސްނުޖެހި ސާބިތުކަމުގައި ޚިދުމަތް ކުރުމަށް ގޮވާލެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު 36 ފުލުހުންނެވެ. އެއީ 28 ފިރިހެން ފުލުހުންނާއި 8 އަންހެން ފުލުހެވެ. މިރަސްމިއްޔާތުގައި ހުވާކުރުމަށްފަހު ފުލުހުން ހުވާގެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ސްޓާފް ވެލްފެއަރ އެންޑް ފައިނޭންސް މެނޭޖްމެންޓުގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިސޯސް ޑިޕާޓްމަންޓުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.