MPS2

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރަމެވެ.

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. ވަކިން ހާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އަދިމީގެއިތުރުން މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓެވުމަށް ދަންނަވަމެވެ.

މޫސުމަށް އަންނަ މިފަދަ ބަދަލާއިއެކު، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅާފައިހުންނަ އުޅަނދުފަހަރަށް މީގެކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓަކައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކިރަށްރަށަށް އުދައަރަމުންދާ ދުވަސްވަރަކަށްވުމުން މިކަމަށްވެސް ޚާއްސަ ސަމާލުކަމެއްދޭން އެބަޖެހެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާދެއްވާފައިވެއެވެ. އެހެންކަމުން އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމެކެވެ.

ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު ހިނގާ މީހުންނާއި އެއްޗެތި ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ދަންނަވަމެވެ. ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާމީހާ އަށާއި މަގު ހިނގާ މީހުންނަށް އަދި ދުއްވާ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއްލިބި އިއާދަ ނުކުރެވޭފަދަ ގެއްލުމަކާއި ކުރިމަތި ވެދާނެކަމެއްކަމަށްވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށް ލޮބުވެތި ރައްޔިތުންނަށް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އެޅުމަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭ ގޮތަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަށްފަހު ދަތުރުކުރެއްވުމަށްވެސް މި ފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.