0-02-06-d7c9e80f45ee0f051b45d6697f669644df2ecf76fd3ac95d5c63072a53405f64_full

ޅ. ނައިފަރު އިޤްރާ ޕްރީ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ނައިފަރު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

އޭޕްރީލް 15ން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޕްރޮގްރާމަކީ އިޤްރާ ޕްރީ ސްކޫލްގެ އެދުމުގެމަތިން، އެ ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންގެ އެހީތެރިކަމާއިއެކު ނައިފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އިޤްރާ ޕްރީ ސްކޫލްގެ، އުމުރުން 4 އަހަރާއި 5 އަހަރާއި އަދި 6 އަހަރުގެ 14 ކުއްޖަކު ބައިވެރިވެފައިވާ މިޕްރޮގްރާމްގައި ފަތަން ދަސްކޮށްދިނުމާއި ފެތުމުގެ ހުނަރު އިތުރުކުރުވުމާއި ދަރިވަރުން މޫދަށް އަހުލުވެރި ކުރުވުން ހިމެނެއެވެ.

މިޕްރޮގްރާމްގައި، ކްލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން، މިފަދަ ކްލާސްތައް ނަގައިދުނުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.