DN2

ފުލުހުންގެ ޚިދުމަތަށް 85 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުކޮށް ހިތްއުފާކޮށްލުމުގެ ގޮތުން ޚާއްސަ ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

ރަސްރަނި ބަގީޗާގައި ރޭ ބޭއްވި މި ޑިނަރ ނައިޓްގައި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް،  ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންގެ އިތުރުން  ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިވިލް ސްޓާފުންނާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވެފައިވެއެވެ.

DN3

މި ޑިނަރ ނައިޓްގައި ފުލުހުންގެ މުވައްޒަފުން ހުށަހަޅައިދިން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ކުރިއަށް ގޮސްފައިވާއިރު ޖާދޫގަރެއްގެ މޮޅު ޖާދޫތަކެއްގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ލަވަ ކިއުންތެރިންނާއި ހަބޭސް ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން ރޭގެ ޑިނަރ ނައިޓްގައި ވަނީ ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ އޯޑިއޯ ލަވަ އަލްބަމް ރަސްމީކޮށް ނެރެދެއްވާފައެވެ. މިއަލްބަމް ނެރެދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދެވެ.

DN1

ރޭގެ ޑިނަރ ނައިޓްގައިވަނީ  ފުލުހުންގެ ޚިދުމަތަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށާއި ފުލުހުންގެ ޚިދުމަތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ދެއްވާފައެވެ. މިފަރާތްތަކަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ބައްސަވާ ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް،  ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއެވެ.