kurendhoo

ޅ.ކުރެންދޫގައި ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މި އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަށް ޅ.ކުރެންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރިއަށްގެންދާ މި ޕްރޮގުރާމަކީ ކުރެންދޫގައި  ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމްގައި ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ރައްކާތެރިވާންޖެހޭ ކަންކަމާއި ވިޔަފާރި ބަންދުކުރާއިރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން ރޭގަނޑު ފިހާރަ ބަންދުކުރުމަށްފަހު، ފިހާރަތެރެ ރަނގަޅަށް އަލިކޮށް ބޭއްވުމަށާއި ވިޔަފާރިކުރާއިރު ފައިސާގެ ވަގުނޫޓް ދެނެގެންނާނެގޮތާއި އެފަދަ ކަމެއް ފާހަގަ ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ނަސޭޙަތްތެރިވެ ވިޔަފާރިވެރިން ހޭލުންތެރި ކުރެވޭނެއެވެ.

 މީގެއިތުރުން މި ޕްރޮގްރާމުގައި ފޯނުން ގުޅައިގެން މަކަރާއި ޙީލަތުން ރީލޯޑް ރާސްޓަސް ކުރުމާއި އެކައުންޓާއި ކޭޝްކާޑުގައިވާ މަޢުލޫމާތު ހޯދާ މައްސަލަތަކާ ގުޅޭގޮތުންނާއި، މިފަދަ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމާއި  މިފަދަ ޢަމަލުތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރެވޭނެއެވެ. މީގެއިތުރުން ވިޔަފާރިވެރިންނާއި ފުލުހުން ގުޅިގެެން ކުށްމަދުކުރުމަށް ކުރެވޭނެ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުކުރުމުގެ މުހިންމު ކަމާ ގުޅޭގޮތުންވެސް ވިޔަފާރަވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ.

މި މިޕްރޮގުރާމް ކުރިއަށް ގެންދިއުމުގައި ޅ.ކުރެެންދޫ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދެއެވެ.