ރ. އަތޮޅުގައި ކުރިއަށްދާ ރަޙުމަތް ކޭމްޕުގެ ތެރެއިން --
ރ. އަތޮޅުގައި ކުރިއަށްދާ ރަޙުމަތް ކޭމްޕުގެ ތެރެއިން --

އިސްލާމިކް މިނިސްޓްރީއާއި  މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ “ރަޙްމަތް ކޭމްޕް”ގެ ހަރަކާތްތައް ރ.އަތޮޅުގައި ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޤައުމީ ފެންވަރެއްގައި ކުރިއަށް ގެންދާ މިކޭމްޕަކީ، ދީނީ ގޮތުން ރައްޔިތުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުމާއި ހަސަދަވެރިކަމާއި ރުޅިވެރިކަން ނައްތާލައި އެއްބަނޑު އެއްބަފާ މުސްލިމު ޖަމާޢަތަކަށް ދިވެހި މުޖުތަމަޢު ހެދުމުގެ މަޤްޞަދުގައި، މުޅި ރާއްޖޭގައި ހިންގުމަށް ރޭވިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

އެގޮތުން ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަތުމާއި ރަށުގެ ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ އިތުރުން ދީނީ ނަސޭހަތާއި ދަރުސްތައް ދިނުމަށް ހަމަޖެހިފައިވާ މިކޭމްޕްގައި މިފަހަރު މަޢުލޫމާތު ދެއްވަނީ އައްޝެއިޚް އަހުމަދު ފަހުމީ ދީދީ އާއި އައްޝެއިޚް އަހުމަދު މަޢުމޫނެވެ.

މާރޗް 11ން 22ށް ކުރިއަށްގެންދާ މިކޭމްޕް، ރ. ދުވާފަރާއި އުނގޫފާރާއި އަލިފުށީގެ އިތުރުން މަޑުއްވަރީގައި ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ރަށްރަށުގެ ރަށުކައުންސިލަރުންނާއި ސްކޫލްތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ރަށްރަށުގައި ހުރި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައް މިކޭމްޕްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ދީނީ ކައުންސިލިން ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ޚާއްސަ ދީނީ ދަރުސްތައް ދިނުމަށް ހަމަޖެހިފައިވެއެވެ.

ރަޙުމަތް ކޭމްޕްގެ ހަރަކާތްތަކެއް އައްޑޫސިޓީއާއި ފުވައްމުލަކާއި ހއ. އަތޮޅުގައި މީގެކުރިންވަނީ ކުރިއަށް ގެންގޮސްފައެވެ.