neyfaru

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ނައިފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ސްޓޭޝަނުން ގުޅިގެން މާރޗް  8 ވަނަ ދުވަހު ހިންގި  އޮޕަރޭޝަންގައި، މާލެއިން ނައިފަރަށް އައި ލޯންޗަކުން ފޭބިތަނުން އެރަށު އައުބަނދަރު ސަރަހައްދުންނެވެ.

މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެދެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި މިދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުންދަނީ ތަހުޤީޤު ކުރަމުންނެވެ.