eydhafushi

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާއި ގުޅިގެން،  އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ފެބްރުއަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.