leaders

ޅ. އަތޮޅު މަދަރުސާގައި ތަޢުލީމް ޙާޞިލްކުރަމުންދާ ގްރޭޑް 8ން މަތީގެ ޔުނިފޯރމް ޙަރަކާތްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް، ލީޑާރސް ޓްރެއިނިންގ ކޭމްޕެއް ކުރެންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިކޭމްޕަކީ ޅ.އަތޮޅު މަދަރުސާއާއި، ކުރެންދޫ ކައުންސިލާއި، ސިއްޙީ މަރުކަޒުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. ދެޖިންސް ހިމެނޭގޮތަށް ޖުމްލަ 53 ދަރިވަރުންނާއިއެކު ކުރިއަށް ގެންދިޔަ މި ކޭމްޕަކީ، ކުދިންގެ ކިބައިގައި އަޚުލާޤީ މާތް ސިފަތައް އަށަގެންނެވުމާއި، ޤާނޫނުތަކާއި ޤަވާއިދު ތަކަށް އަހުލުވެރި ކުރުވުމާއި އެހެން ކުދިންނަށް ނަމޫނާ ބަޔަކަށް މި ކުދިން ހެދުމަށް ކުރިއަށްގެންދިޔަ ކޭމްޕެކެވެ.

ކުދިންނާއި ގުޅުންހުރި ތަފާތު މަޢުލޫމާތު ހިމެނޭ ކްލާސްތައް މި ޓްރޭނިންގ ކޭމްޕް ގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކުރެންދޫ ހެލްތް ސެންޓަރާއި ގުޅިގެން ފަސްޓް އެއިޑް ކްލާހަކާއި، އެމް.އެން.ޑީ.އެފްގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ ފަޔަރ ފައިޓިންގ ކްލާސްތަކުގެ އިތުރުން، ހޭލުން ތެރިކަން އިތުރު ކުރުމުގެ ގޮތުން އެކި ކަހަލަ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ކާމިޔާބު ކަމާއިއެކު ކުރެންދޫގައި ކުރިއަށް ގެންދިޔަ މިކޭމްޕް ނިންމާލާފައިވަނީ ފެބްރުއަރީ 17ވަނަ ދުވަހުގެ 16:00ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކުންނެވެ.