kanditheem

ކުށްމަދު އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ކަނޑިތީމުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފެބްރުއަރީ 10 ވަނަ ދުވަހު  ށ. ކަނޑިތީމު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެރަށުގައި ވިޔަފާރިކުރަމުންދާ 17 ފިހާރައަކަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

އެގޮތުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ސިނގިރޭޓް ފަދަ ތަކެތި ނުވިއްކުމަށް އިރުޝާދުދީފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތައް މަދުކުރުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ކުށްމަދު އަމާން މުޖުތަމަޢުއެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.