mahibadhoo

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ފެބްރުއަރީ 10 ވަނަ ދުވަހު  ހިންގި މިދެއޮޕަރޭޝަނުގައި ހައްޔަރުކޮށފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 23 އަަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ. މި ހަތަރު މީހުންގެ ތެރެއިން 25 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މަހިބަދޫގެ ގެއެއް ބަލައިފާސްކޮށް އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 9 ސެލޯފިންކޮޅު ފެނުމާއި ގުޅިގެންނެވެ.

22 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާގެ އިތުރުން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަހިބަދޫ ބަނދަރު ސަރަޙައްދުންނެވެ. އަދި މި ތިން މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 49 ރަބަރު ޕެކެޓާއި 127 ހޮޅިކޮޅުގެ އިތުރުން މަނާބޭސް ފުޅިއެއް ފެނިފައިވެއެވެ.

 އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން، މި ދެ މައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.